ހުކުރު ޚުތުބާ

ޝައުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމްޟާން މަހަށް ލިބޭ ތަމްރީނެއް

ޢަބުދުﷲ ޙަމީދު

ޝައުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމްޟާން މަހު އަޅުކަމުގައި މަސްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

“ޝައުބާން މަހާއި ހެޔޮއަމަލު ކުރުން” މި މައުލޫގެ ދަށުން ރާއްޖޭގައި މިއަދު ދިން ހުކުރު ޚުތުބާގައި މިހާރު ވޭތުކުރަމުންމިދާ ޝައުބާންމަހަކީ އެތައް ގޮތަކުން ޚާއްޟަ މަހެއްކަމަށް ބުނެފައެވެ. މިއީ ރަމްޟާން މަހަށް މަރްހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރުކަމަށް ވުމުން، ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި، ހެޔޮ އަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެންދާކަމަށް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

އައިޝާ ރަޟިއަﷲ އަންހާގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައި ވެއެވެ، ” މާތް ނަބިއްޔާ ﷺ، ޝައުބާން މަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެމަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅިމައްސަރުގައި ރޯދަފުޅު ހިއްޕަވާ ފަދައެވެ. ”

ސިއްހީގޮތުންނާއި އުމުރުގެ ގޮތުން އެކިމީހުންގެ ހާލަތު ތަފާތު ކަންފާހަގަ ކުރަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމަށް ހުތުބާގައި ގޮވާލާފައި ވެއެވެ.

އުސާމަތު ބުނު ޒައިދު ރަޟިއަﷲ އަންހުގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައި ވެއެވެ. ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! “ޝަޢުބާން މަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް އަހަރު ދުވަހުގެ އެހެން މައްސަރެއްގައި ކަލޭގެފާނު (ސުންނަތް) ރޯދަފުޅު ހިއްޕަވާ މައްސަރެއް ތިމަން ދެކެވަޑައި ނުގަންނަވަމެވެ. އެބަހީ، އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. “އެއީ ރަމަޟާން މަހާއި ރަޖަބު މަހާއި ދެމެދުގައިވާ، މީސްތަކުން އެމަހާމެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުލިގެންދާ މަހެކެވެ. އެހެންކަމާއެކު ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ.” މިބަސްފުޅުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ރަޖަބުމަހުގެ މާތްކަމާއި ރަމަޟާންމަހުގެ މާތްކަން މީސްތަކުން ދަންނަކަމަށްވިނަމަވެސް ޝަޢުބާންމަހުގެ މާތްކަމާމެދު އެހާބޮޑަށް މީސްތަކުންނަށް އެނގިފައި ނުވާކަން ކަމުގައި ހުތުބާއި ވިދާޅުވެފައި ވެއެވެ.