އިހަވަންދޫން ކޮވިޑަށް ފައްސިވެފައިވާ އެންމެންގެވެސް ހާލު ރަނގަޅު

އިބްރާހިމް ނަޝީދު

ހއ. އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވެފައިވާ އެންމެންގެވެސް މިވަގުތަށް ހާލުވެސް ރަނގަޅު ކަމަށާއި ފާހަގަ ކުރެވޭ ބޮޑު މައްސަލައެއް ނެތް ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރައްވައިފިއެވެ.

އރަށުގެ ކޮވިޑުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އިހަވަންދޫ އީއޯސީން ކުރިއަށްގެންދިޔަ ފޭސްބުކު ލައިވްއެއްގައި ވާހަކަ ދައްކަވަމުން އާމިނާދިޔޯ ސިއްހީމަރުކަޒުގެ އެސިސްޓެންޓު ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް ހުސެއިން ފަޔާޒު ވިދާޅުވީ މިއަދުގެ ނިޔަލަށް ޖުމުލަ 21 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު މިވަގުތައް އެންމެންގެވެސް ހާލު ރަނގަޅު ކަމަށެވެ. ފައްސިވެފައިވާ ފަރާތްތަކުގެ ތެރޭގައި ހައިރިސްކު މީހުން ހިމެނޭކަން ފާހަގަކުރައްވަމުން ފަޔާޒު ވިދާޅުވީ ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަމަ ޑޯޒު އަދި ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންވެސް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިދުވަސްވަރު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރައްވަމުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަމިއްލައަށް އައިސޮލޭޓުވުމަށް ސިއްހީމަރުކަޒުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަމުން ދާކަން ވެސް ފަޔާޒު ފާހަގަ ކުރެއްވިއެވެ.

ބުރާސްފަތިދުވަހުގެރޭ ބޭއްވި މައުލޫމާތު ދިނުމުގެ ލައިވް ގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙު ވިދާޅުވީ، އެޗްޕީއޭގެ ގައިޑުލައިންއާ އެއްގޮތަށް ކައުންސިލުން އެޅޭނޭ އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި ރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެގެންދާނަމަ އިތުރު ފިޔަވަޅުތައް އެޅުމަކީ އެކަށީވެންވާ ކަމެއް ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އިބްރާހިމްޢަލީ

މިރަށުން ކޮވިޑު ކޭސް ފެނިފަވާތާ ބާރަ ވަރަކަށް ދުވަސް ފަހުން އީ އޯ ސީން ރައްޔިތުންނާއި އެފްބީން ލައިވްއިން މެދުވެރިކޮއްނަމަވެސް މައުލޫމާތު ސާފުކޮއްދިނީތީ ޝުކުރިއްޔާ އަދި ވެސްރަނގަލު ކޮއްލާ