އިހަވަން ކަޕް

އެންވީކޭގެ ހެޑް ކޯޗަކަށް މިފަހަރު ހަމްޒާ.. ޓީމުން ކުރަނީ ފޮނި އުއްމީދެއް!

ފާތިމަތު ރާޔާ ރައޫފް

މަޝްހޫރު ފުޓްބޯޅަ ކޯޗު ހަމްޒާ އިބްރާހިމް މިފަހަރު ފެނިގެންދާނީ އެންވީކޭ ޓީމްގެ ކޯޗުގެ ގޮތުގައި ކަމަށް ޓީމްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ހާމަކޮށްފިއެވެ. ހަމްޒާ އިބްރާހިމަކީ ފުޓްބޯޅައިގެ ދުނިޔޭގައި ވަރަށް ކާމިޔާބު، އެހާމެ ތަޖުރިބާކާރު ކޯޗެއްކަން ފާހަގަކުރެވެއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ހަމްޒާގެ ކޯޗްކަމުގެ ދަށުން ކުޅުނު ގިނަ ޓީމްތައް ވަނީ މުބާރާތްތަކުގައި ރީތި ކުޅުމެއް ދައްކާ، ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިފައެވެ.

އިހަވަންދޫގައި މިހާރު ކުރިއަށް ގެންދާ އިހަވަންކަޕްގައި އެންވީކޭ ޓީމަށް ކޯޗުކަން ކުރުމަށް ހަމްޒާ ނިންމާފައިވާއިރު، ޓީމާއެކު ނުކުމެ ހުރީ ވަރަށް ބޮޑު ޔަގީންކަމަކާއެކުގައި ކަމަށާއި ޓީމާ މެދު ފުރިހަމަ އިތުބާރު އޮތްކަމަށް މި ނޫހަށް މައުލޫމާތު ދެމުން ހަމްޒާ ވަނީ ބުނެފައެވެ. ރަށުގައި ތިބި އެންމެ ކުޅަދާނަ ކަމަށް ގަބޫލުކުރެވޭ ކުޅުންތެރިންނާއި ރަށުން ބޭރު 2 ކުޅުންތެރިންނާއެކު މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ހަމްޒާ ވަނީ ބުނެފައެވެ.

ހަމްޒާގެ އިތުރުން ޓީމުން ކުރަމުންދާ އުއްމީދުވެސް ވަރަށް ބޮޑެވެ. ޓީމުގެ މެނޭޖްމެންޓުން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގެ އެހެން ޓީމުތަކާ ޚިލާފަށް އެންމެ ދުރާލާ މުބާރާތައް ތައްޔާރުވި ޓީމަށް އެންވީކޭ ވާނެއެވެ. ނަމަވެސް ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ބައެއް ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށާއި އަދިވެސް ބައެއް ކުޅުންތެރިން ތިބީ ހޯމް ކަރަންޓީނުގައިކަން ޓީމުގެ މެނޭޖްމެންޓުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޓީމުގެ ފަރާތުން ސަޕޯޓަރުން އުއްމީދުކުރާވަރުގެ މޮޅު ކުޅުމެއް ފެނިގެންދާނެކަމަށާއި ސަޕޯޓަރުން މާޔޫސްކޮށްނުލާނަންކަމަށް ޓީމުން ބުނެއެވެ.

ހަމްޒާގެ ކޯޗުކަމުގެ ދަށުން މުބާރާތައް ޓީމް ތައްޔާރުވެފައިވާއިރު ޓީމުން ކޯޗު ހަމްޒާ ސިފަކޮށްފައިވަނީ “ވިނިން ސްޕްރިޓް” ބޮޑު ކޯޗެއްގެ ގޮތުގައެވެ. އަދި ހަމްޒާއަކީ އެންމެ ކާމިޔާބު، ޓީމަށް ވަގުތުދޭ، އެއްވެސް ފޫހިކަމެއްނެތި، އަމާޒަށް ވާސިލުވުމަށް ބުރަ މަސައްކަތް ކުރާ ކޯޗެއްކަން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

އެންވީކޭގެ ތާރީޚަށް ބަލާއިރު އިހަވަންދޫގައި ބާއްވަމުންދިޔަ މައިކަޕް ފުޓްބޯޅަ މުބާރާތުގައި 1 ފަހަރު ޗެންޕިއަންކަން ހޯދައި، 4 ފަހަރެއްގެ މަތިން ފައިނަލުން މިޓީމު ޖާގަ ކަށަވަރުކޮށްފައިވެއެވެ. ޗެންޕިއަންކަން މި ޓީމު ހޯދި ފަހަރު ޓީމަށް ކޯޗުކަން ކޮށްދީފައިވަނީ ހަމްޒާ ކަން ފާހަގަކުރެވެއެވެ.  އިހަވަންކަޕް ކާމިޔާބު ކުރެވޭނެކަމުގެ ފޮނި އުއްމީދުގައި މިޓީމުގެ ކުޅުންތެރިން ތިބި ސަބަބަކީ މިއީ ކަމުގައިވުން ވަރަށް ގާތެވެ.

އެންވީކޭގެ ފުރަތަމަ މެޗް މިރޭ އެފްސީ ބޮޑުމަގާއެކު ކުޅުމަށް ހަމަޖެހިފައިވާއިރު މެޗް ކާމިޔާބު ކުރެވޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ކޯޗު ހަމްޒާ ވަނީ ދީފައެވެ.