ކޮވިޑު 19

ކަރަންޓީނުގައި ނެތްބަޔަކު އިހަވަންދޫން ކޮވިޑަށް ފައްސިވެއްޖެ

މަރިޔަމް

ދ. ކުޑަހުވަދޫން ހއ. އިހަވަންދޫއަށް ދަތުރުކުރި އިހަވަންދޫގެ 3 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުގައި ކަރަންޓީނުގައި ނެތް 3 ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒުން ދަނީ އަޅަމުންނެވެ.

ކޮވިޑަށް ފައްސިވި ފަރާތްތަކުގެ ކޮންޓެކްޓް ޓުރޭސިންގެ މަސައްކަތްކަތް ސިއްހީމަރުކަޒުން ކުރަމުންދާއިރު، ކޮވިޑަށް ފައްސިވި ފަރާތްތަކާ ކޮންޓެކްޓްވެފައިވާނަމަ އާމިނާދިޔޯ ސިއްހީމަރުކަޒަށް އެކަން އެންގުމަށް މަރުކަޒުން އެދިލައްވައެވެ. (6500501)

ރޭ އިހަވަންދޫން ކޮވިޑަށް ފައްސިވި 3 މީހުންނަކީ މިދިޔަ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި ބައެކެވެ. ކޮވިޑު19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރުމުން އެމީހުންގެ ކޮވިޑަށް ޓެސްޓު ކުރުމަށް ހުކުރު ދުވަހުގެ ރޭ ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން އިހަވަންދޫގެ އީއޯސީން ވަނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ރަށުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އީއޯސީން އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް:

  • ޒަރޫރީ ބޭނުމެއް ނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނުކުމެ ނޫޅުން.
  • ގެއިންބޭރަށް ނުކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން.
  • ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުން.
  • ޢާއްމު އިޖްތިމާއީ ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުން.
  • ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެއުޅުން މަނާކުރުން.
  • ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކާއި، ހައިރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަންދިނުން.
  • ސައި ހޮޓާ އަދި ފިހާރަތަކުގައި އިޖްތިމާއީ ގައިދުރުކަން ކަށަވަރުވާގޮތަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެޗް.ޕީ.އޭގެ ގައިޑްލައިންއާ އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސުން.