އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 6 މީހަކު ކުރިމަތިލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ ހަ މީހެއްކަން، ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހަ މީހަކު ކުރިމަތިލާފައިވާއިރު އެފަރާތްތަކުގެ ސްކްރީނިން މަރުޙަލާގެ ނަތީޖާ ޝީޓު ސިވިލް ސާވިސް ކޮމިޝަނުން އާއްމުކޮށްފައިވާއިރު ކުރިމަތިލީ 6 މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ސިލެކްޝަން ޕްރޮސެސްއަށް ޝޯޓްލިސްޓުކޮށްފައިވަނީ 5 މީހެކެވެ.

އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ 6 މީހުންކަން ހާމަކުރިނަމަވެސް އެއީ ކޮންބައެއްކަމެއް ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ. އެކޮމިޝަނުން ހާމަކޮށްފައިވަނީ އެމީހުންގެ އުމުރާއި އަދި އެމީހުންގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަމެވެ. އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ އުމުރުން 48 އަހަރު، 38 އަހަރު، 32 އަހަރު، 30 އަހަރު، 28 އަހަރު އަދި 27 އަހަރުގެ މީހުންނެވެ. އޭގެ ތެރެއިން އެމަޤާމަށް ޝަރުތު ހަމަނުވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑަ އަޅާފައިވަނީ 27 އަހަރުގެ މީހާއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ އާއްމުކޮށްފައިވާ މަޢުލޫމާތާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި މަޤާމަށް ކުރިމަތިލާފައިވާފަރާތްތަކަށް ޕޮއިންޓު ލިބިފައިވާގޮތުގެ ޝީޓު ކޮމިޝަނުން އާއްމުކުރުމުގެ ކުރިން އެކޮމިޝަނަށް ޝަކުވާ ހުށައެޅުމަށް އެދޭކަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުންހިންގުމުގެ ޤާނޫނަށް އަލަށް ގެނެވުނު އިސްލާޙުގެ ދަށުން އުފައްދާފައިވާ މަޤާމެކެވެ. މި މަޤާމަށް އައްޔަނު ކުރެވޭ މީހަކީ ކައުންސިލް އިދާރާގެ އިދާރީ ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާއެވެ. މި މަޤާމުގެ އަސާސީ މުސާރައަކީ 9300 ރުފިޔާއެވެ. އަދި އޭގެ އިތުރުން އެގްޒެގެޓިވް އެލެވަންސްގެ ގޮތުގައި 6800 ރުފިޔާއާ އެކު މުޅި ޖުމްލަ 16100 ރުފިޔާއެވެ. އަދި މި މަޤާމުގައި ތިބޭ މުވަޒަފުންނަށް އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ. އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ލިބޭނީ ސިވިލްސާވިސް މުވަޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަން ކޮންޓްރިބިއުޝަންއެވެ.