ޑެންގީ ހުން

ޑެންގީ ހުމަކީ ކޮބާކަމާއި މަދިރިން ރައްކާތެރިވެވޭނެ ގޮތްތައް

މުޙައްމަދު އަކުރަމް

ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަސްއެއްގެ ސަބަބުންޖެހޭ ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށް ދެނެގަނެވިފައިވެއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް މިބަލި ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުމަކީ  ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ހުމެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގީ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށްބޮޑަށް މަދުކުރެވިފައެވެ.

ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ  ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުމަކީވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.

ޑެންގީ ވައިރަސް

ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ “ޕްރައިމަރީ ޑެންގީ އިންފެކްޝަން” އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ “ސެކަންޑަރީ ޑެންގީ އިންފެކްޝަން” އެވެ.

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ.

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ.

ޑެންގީ ހުން ފެތުރޭގޮތް

ޑެންގީ ހުން ފެތުރެން ދިމާވަނީ އެބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ އަންހެން، މަދިރިއެއް ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޑެންގީ ބައްޔަކުންނޫނެވެ. ޒިކާ ވައިރަސް، ޗިކަންގުންޏާ، މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ޑެންގީ ހުން ފަތުރާ މަދިރި – އީޑީސް އިޖިޕްޓައި

ޑެންގީ ހުން ޖައްސާ މަދިރިއަށް ކިޔަނީ އީޑީސް އިޖިޕްޓައި އެވެ. މިއީ ވަރަށް ކުޑަކުޑަ ކަޅުކުލައިގެ މަދިރިއެކެވެ. މީގެ ފައިތަކާއި ބުރަކަށި މަތީގައި ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޑެންގީ ހުން ޖެހުމުގެ ފުރުސަތު އޮވެއެވެ.

ޑެންގީ ހުން ޖައްސާ މަދިރި އާންމުކޮށް ހަފަނީ ފަތިހާއި ހަވީރުގެ ވަގުތުތަކުގައެވެ. އެމަދިރި އާންމުކޮށް މަޑުކޮށްލައިގެން ތިބެނީ ގޭގޭގެ ތެރޭގައާއި، ހިޔާވަހި ކަމުގެ ދަށުގަޔާއި، އަލަމާރި ފަދަ އަދިރި ތަންތާގައެވެ. މިފަދަ ތަންތަން ނޫން ތަންތަނުގައި މަޑުކޮށްލައިގެން ތިބެނީ އެތަންތަނަކީ ހިޔާލިބޭ ފިނިތަންތަން ކަމަށްވާނަމަ އެވެ. އަންހެން މަދިރި ބިސްއަޅާނީ ފެނުގެ ތެރެއަށެވެ. ގޭގެ އެކި ތަންތަނުގައި ހުންނަ ފެންފޮދަށާއި، ފެން ތާނގީ ތަކަށް ބިސް އަޅައެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ އެއްޗެތީގައި ހުންނަ ފެންފޮދަށް ވެސް ބިސް އަޅައެވެ. މަދިރިފަނި ވިހަނީ މަދިރި ބިހުންނެވެ. މިފަނިތައް ފެނުގައި އުޅޭނީ ހަފްތާއެއް ހާ ދުވަހުއެވެ. އޭގެ ފަހުން ވަށްކޮށް އޮންނަ ކޮމާއެއްގެ ސިފަޔަށް ބަދަލުވެއެވެ. އޭގެ ފަހުން ދެދުވަހެއްގެ ތެރޭގައި މަދިރިއަކަށްވެ އުދުހިދެއެވެ. އެއިރު ހުންނާނީ މީހުންގެ ގައިގައި ހަފާވަރަށް މަދިރި ބޮޑުވެފައެވެ.

ފެން ހަރުލާފައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ޑެންގީ މަދިރި އާލާވާނެއެވެ. ހިޔަލުގައި ހުއްޓަސް، އަވީގައި ހުއްޓަސް ފެންއެޅި ހަރުލާފައި ހުންނަ އެއްޗިއްސަކީ މަދިރި އާލާވާނެ އެއްޗިއްސެވެ. ޑެންގީ މަދިރި އާލާވާން އެންމެ އެކަށީގެންވާ ތަންތަނަކީ ، ފެންއެޅިފައި ހުންނަ ފީފާ، ދަޅު، ފުޅި، ތެލި، އަދި ހަރުލާފައި ހުންނަ ނާށި، އުނބު، އަދި ފެންއަޅާފައި ހުންނަ ތާނގީއާއި، ފެން ހަރުލާފައި ހުންނަ ދިޔަ ދޮތްވާއި، ގަސްގަހާއި، ގަސްމުށްޓާއި، ވަޅުބުރިއާއި، ފެން ނުހިނގާ ނަރުދަމާ ތަކާއި، ފެން ހަރުލާފައި ހުންނަ ފަތްފަތާއި، ގަސްގަހާއި، ފެން ހަރުލާފައި ހުންނަ ތަންތަނުގައާއި، މިނޫންވެސް މިފަދަ ކޮންމެ ތަނެއްގައެވެ. ބޭނުންނުކޮށް ދޫކޮށްފައި ހުންނަ ވަޅުވަޅަކީ ވެސް ޑެންގީ މަދިރި އާލާވާނެ ތަންތަނެވެ.

މަދިރިހެފުމުން ރައްކާތެރިވުން

ޖަރާސީމް އަށަގެންފައިވާ މަދިރިއެއް ހެފުމުގެ ސަބަބުން ބަލިޖެހުމުން ސަލާމަތްވުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރުން އެދެވިގެންވެއެވެ.

(ހ) – ނިވާވުން: މަދިރި ހެފުމުން ސަލާމަތްވުމަށްޓަކައި ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާ، ގަޔަށްދޫ ހެދުމެއް ބޭނުންކުރެވިދާނެއެވެ.

(ށ) – މަދިރި ލޯޝަން: ބޭރަށް ނުކުމެއުޅޭއިރު ހަށިގަނޑުގެ ހާމަޔަށް ފެންނަން ހުންނަ ހިސާބުގައި މަދިރި ލޯޝަން ނުވަތަ ކްރީމެއް އުގުޅާށެވެ. ދުވާލު ގަޑީގައި މިކަމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ޑެންގީ ޖައްސާ މަދިރި ކަމަށްވާ އީޑީޒް އިޖިޕްޓައި މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވާތީ އެވެ. އެންމެ އިތުބާރުހުރި އަދި އެންމެ ގިނައިރުވަންދެން އަސަރު ހުންނަ މަދިރި ލޯޝަން ނުވަތަ ކްރީމަކީ ޑީޓް އެކުލެވޭ ތަކެއްޗެވެ. މިގޮތުން ޑީޓް އެކުލެވިފައިވާ މިންވަރު 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދު ހުންނަ ބާވަތްތައް ބެލެވިފައިވަނީ އެންމެ އިތުބާރު ހުރި އަދި ގިނައިރު އޭގެ އަސަރު ހުންނަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު މަދުވާވަރަކަށް އޭގެ އަސަރު ދެމިހުންނަ ވަގުތު ކުޑަވާނެއެވެ. މާނައަކީ މަދިރިން ސަލާމަތްވުމަށް ޓަކައި ލޯޝަން/ ކްރީމް އަވަސް އަވަހަށް އުގުޅަން ޖެހޭނެ އެވެ. ޑީޓް އެކުނުލެވޭ ލޯޝަނާއި ކްރީމް، ފަދަ ތަކެތި ބެލެވިފައިވަނީ އިތުބާރު ކުޑަ އޭގެ އަސަރު ދެމިހުންނަ ވަގުތު ކޮޅުވެސް ނިސްބަތުން ކުޑަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު 50 އިންސައްތަ އާއި ހަމައަށް ހުންނަ ތަކެތި، ބޮޑެތި މީހުންނަށާއި، މާބަނޑު މީހުންނަށާއި، ދެމަހަށްވުރެ ދޮށީ ކުދިންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެއެވެ.

ދެމަހަށްވުރެ ކުޑަކުދިންގެ ގައިގައި މިތަކެތި އުގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިފަދަ ކުދިން މަދިރިން ސަލާމަތްކުރުމަށްޓަކައި މަދިރިގެ ނުވަތަ ގޮށި ބޭނުންކުރުން އެދެވިގެން ވެއެވެ. މަދިރިން ސަލާމަތްވުމަށް ގައިގައި އުގުޅާ ލޯޝަން /ކްރީމް ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދޮންނަންވާނެ އެވެ.

(ނ) – ސްޕްރޭ: ބައެއް ފަހަރަށް ލައިގެން ހުންނަ ހެދުމުގެ މަތިންވެސް މަދިރި ހަފައެވެ. ޚާއްޞަކޮށް އެއީ ގަޔަށް ބާރުކޮށްހުރި އެއްޗެއްނަމަ މަދިރީގެ އުދަގޫ ވަކިން ބޮޑުވާނެއެވެ. މިފަދަ ހާލަތްތަކުގައި މަދިރި ހެފުމުން ސަލާމަތްވުމަށް ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައި ހުންނަ ސްޕްރޭ ލައިގެން ހުންނަ ހެދުމަށް ޖެހިދާނެއެވެ. މިގޮތުން ފައިދާހުރި އަދި އެންމެ ރައްކާތެރި ސްޕްރޭ އަކީ ޕާރމެތްރިން އެކުލެވޭ ސްޕްރޭ އެވެ. ހެދުން އެންމެ ފަހަރަކު ދޮވެލުމުން ގިނަ ސްޕްރޭ ތަކުގެ އަސަރު ފިލާ ދިޔައެއް ކަމަކު ޕާރމެތްރިން އެކުލެވޭ ރަގަޅު ސްޕްރޭއެއް ނަމަ ގާތްގަނޑަކަށް 5 ފަހަރު ދޮންނަށްދެން އޭގެ އަސަރު ދެމިހުރެއެވެ.

(ރ) – މަދިރިގެ ޖެހުން: މަދިރިން ސަލާމަތް ވުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ މަދިރިގެ ބޭނުންކުރަން ފެށުމެވެ. ޚާއްޞަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަދި މިނޫންވެސް ދުވާލު ގަޑީގައި ނިދާފައި ތިބޭމީހުންނަށް މަދިރިގެ ބޭނުން ކުރުމުގެ މުހިއްމުކަން ބޮޑެވެ. ޑެންގީ ހުން ޖެހިފައިވާ ބަލިމީހަކު ގޭގައި އުޅޭނަމަ މަދިރިގެއެއްގެ ތެރޭގައި އެމީހަކު ބޭއްވުމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ބަލިވެ އުޅޭއިރު އޭނާގެ ހަށިގަނޑުގައި ޑެންގީ ގެ ޖަރާސީމް ހުންނާނެތީ އެވެ. އަދި އޭނާގެ ގައިގައި މަދިރި ހެފުމުގެ ސަބަބުން ޖަރާސީމް މަދިރިއަށް ވާޞިލްވެ، އެހެން މީހުންގެ ގަޔަށް ފެތުރޭނެ އެވެ. އެހެން ކަމުން ބަލިމީހެއްގެ ގައިގައި ހެފުމުގެ ފުރުޞަތު މަދިރިއަކަށް ނުދިނުމީ ބަލި ކޮންޓްރޯލްކޮށް، އެހެން މީހުންނަށް ބަލިޖެހުމުން ސަލާމަތްވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅެވެ.

މަދިރި ލޯޝަން/ކްރީމް އަދި ސްޕްރޭ ބޭނުންކުރާއިރު ސަމާލުވާން ޖެހޭ ކަންތައްތައް

މަދިރި ލޯޝަން/ ކްރީމް އަދި ސްޕްރޭ ތަކަކީ އެތައް ތަޙްލީލު ތަކެއް ކުރެވި، އެތަކެތީގެ ރައްކާތެރިކަން ޔަގީން ކުރެވިފައިވާ ތަކެއްޗެވެ. އެހެނަސް ބޭނުންކުރާ ފަރާތުގެ ރައްކާތެރި ކަމަށްޓަކައި، އެތަކެތީގެ ލޭބަލްގައިވާ ގޮތަށް ބޭނުންކުރުމަކީ މުހިއްމުކަމެކެވެ.

ގައިގައި އުގުޅުމަށް ފުދޭވަރަށް ވުރެ އިތުރަށް ލޯޝަން/ކްރީމް ބޭނުން ނުކުރާށެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް އުގުޅުމަކުން އިތުރު ފައިދާތަކެއް ނުކުރާނެއެވެ. ހެދުމުން ނިވާވެފައިވާ ހިސާބުގައި ނުއުގުޅާށެވެ. ކަނޑައިގެން ދިއުން، މަށައިގެން ދިއުން އަދި ރަތްވުން ފަދަ ހަމަށް ގެއްލުން ލިބިފައިވާ ތަންތާގައި ނުއުގުޅާށެވެ. ބަންދުވެފައިވާ ތަނެއްގައި ސްޕްރޭ ބޭނުން ނުކުރާށެވެ. އަދި ނޭވަޔާއެކު ފުއްޕާމޭގެ ތެރެއަށް ދިޔަ ނުދޭށެވެ. ސްޕްރޭ ބޭނުން ކުރާނަމަ ސީދާ މޫނަށް ނުޖަހާށެވެ. މީގެ ބަދަލުގައި އަތަށް ސްޕްރޭ ޖެހުމަށްފަހު މޫނުގައި ހާކާށެވެ. ލޮލާއި އަނގަ މަތީގައި ނުހާކާށެވެ.

މަދިރި ކޮންޓްރޯލް ކުރުން

(ހ) – މަދިރި ފަނި އާލާވިޔަ ނުދިނުން: މަދިރި އާލާވެފައި ގިނަވަނީ މަދިރިއަށް ބިސްއަޅާނެ ތަކެއްޗާއި ތަންތަން ލިބެން ހުންނާތީ އެވެ. މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދިގު މުއްދަތަކަށް އަމާޒުކުރެވިގެން ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިކަމަކީ ސަރުކާރުގެ ދާއިރާތަކާއި އެއްވަރަށް އަމިއްލަ ވަކިފަރުދުންގެ ޒިންމާވެސް އޮންނަ، އަދި މިދެފަރާތުންކުރެ އެއްވެސް ފަރާތަކުން އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ ނާކާމިޔާބު ވާނެ މަސައްކަތެކެވެ. ނަތީޖާއަކަށް ވާނީ ދޭތެރެ ދޭތެރެއިން މަދިރީގެ އާބާދީ ގިނަވެ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިކަން އިތުރުވާން ފެށުމެވެ. އަދި އެކަމުގެ ސަބަބުން މީހުން މަރުވެގެން ދިއުމެވެ. މަދިރި ހެފުމުގައި އަދި ޑެންގީ ފަދަ ބަލިތައް ޖެހުމުގައި ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ނުބަލައެވެ. އެހެން ކަމުން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ތިމާގެ އެއްވެސް ދައުރެއް އެކަމުގައި ނުވާ އަނެކާގެ ނުވަތަ އެހެން ބައެއްގެ މަސައްކަތެއް ކަމަށް ހީކޮށްގެން ތިބުމަކީ މޮޔަކަމެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަޅާނުލާ ދޫކޮށްލުމުން ބަލިޖެހި މަރުވެގެންދަނީ ޚުދު ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހެއް ނޫންކަން އެކަކަށްވެސް ކަށަވަރު ނުވާނެތީ އެވެ.

(ށ) – މަދިރި ބިސް އަދި ފަނި ނައްތާލުން: މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި މަސައްކަތަކީ މަދިރިއަށް ބިސް އެޅުމުގެ ފުރުޞަތު ނުދިނުމާއި، މަދިރި ފަނި ނައްތާލުމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.

ދަޅު، ފުޅި، ނާށި، އުނބުގަނޑު، ޓަޔަރު ފަދަ ފެންހަރުލާ ތަކެތި ނައްތާލާށެވެ. ކިތައްމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް ފެންހަރުލާފައި ހުންނަނަމަ މަދިރި ބިސްއަޅާ އާލާވާނެއެވެ. މިސާލަކަށް ފުޅީގެ މައްޗާއި، މެޓާ ކާފައި އެއްލާލާ ޕްލާސްޓިކް ކަރުދާސް ކޮޅުގައި ވެސް ފެންހަރުލައި މަދިރި ބިސްއަޅައި އާލާވެފައި އެބަހުއްޓެވެ.

ގަސްމުށި ގަނޑުގެ އަޑީގައި ހުންނަ ތައްޓާއި، ފެނުގައި ގަސް ހައްދާފައިވާ ފުޅި ފަދަ ތަކެތި މަދުވެގެން 5 ދުވަހުން އެއްފަހަރު ރަގަޅަށް ސާފުކުރާށެވެ.

ދިޔަ ދޮވީގައި ކުންޏާއި ފަތްފަދަ ތަކެތި ޖަމާވިޔަ ނުދޭށެވެ. އަދި ދިޔަ ދޮވީގައި ބަނޑިލާފައި ހުންނަ ނަމަ އެކަން ރަނގަޅުކުރާށެވެ.

ފެންތާންގީ، ބާލިދީ އަދި ހަން ފަދަ ފެންނަގާ ރައްކާކުރަން ބޭނުންކުރާ ތަކެތި މަދިރިއަށް ނުވަދެވޭގޮތަށް ރަނގަޅަށް ބަންދުކޮށްފައި ބަހައްޓާށެވެ.

އެއަރކޮންޑިޝަން ހޮޅި ފަދަ ފެންތިކިޖަހާ ތަންތަނުން، ފައިބާ ފެންޖަމާވެ، އަބަދު ތެތްކޮށް ހުރިޔަ ނުދޭށެވެ. މިފަދަ ތަންތަނަށް ވެސް މަދިރި ބިސްއަޅާނެއެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މަދިރީގެ ބިސް ހަލާކުނުވެ ދެމިހުރެއެވެ.

ވަޅު އަދި ހާމަކޮށް ހުންނަ ފެންގަނޑުތަކަށް ޖަޕާނުމަސް ކަށްޓަފުޅި، ފަދަ މަދިރި ފަނިކާ ބާވަތުގެ މަސްލާފައި ބަހައްޓާށެވެ.

ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ތަންތަނަކީ ތަފާތު ސަބަބުތަކާހުރެ ފެންހަރުލާފައި ހުންނަ އަދި ބައެއް ފަހަރު ބަހައްޓަން ޖެހޭ ތަންތަނެވެ. މިއީ ދިވެހިރާއްޖޭގައި މަދިރި އާލާވާ ތަންތަނުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ތަންތަނުގައި މަދިރި އާލާވިޔަ ނުދިނުމަކީ މަސައްކަތް ކުރާ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތުގެ ވެސް ޒިންމާއަކަށް ވާންޖެހޭނެއެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކަމެއްކަން ހަދާން ބަހައްޓަން ވާނެއެވެ.

(ނ) – އުދުހޭ މަދިރިން ސަލާމަތްވުން: މިއީ މަދިރި ކޮންޓްރޯލްކޮށް މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމުގެ މަސައްކަތުގެ ތެރެއިން އެންމެ އުނދަގޫ އަދި ނަތީޖާ އެންމެ ކުޑަ މަސައްކަތެވެ.

ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަ ދޮރާއި ފެން ލައިޓް ފަދަ ތަންތަނުގައި ދާޖަހާފައި ބެހެއްޓިދާނެއެވެ. މިގޮތުން ޖަހާ ދަލަކީ އެކަށީގެންވާ ސައިޒެއްގެ ގޮޅި ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ.

ސިޓިންގރޫމް ކޮޓަރީގައި ހަރުކޮށްފައި ހުންނަ ދޮރުފޮތި، ޕައިރެތްރޮއިޑް އެކުލެވޭ ކެމިކަލް އަކުން ދޮވެފައި ބެހެއްޓުމަކީ ވެސް އެފަދަ ތަންތަނުން މަދިރިވަނުން ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މީހުންގެ ގައިން ލޭބުއިމަށްފަހު އަދި އެނޫން ވެސް ވަގުތުތަކުގައި އަރާމް ކުރުމަށްޓަކައި ދޮރުފޮތީގައި އަދި ދޮރުފޮއްޗާއި ފާރާއި ދޭތެރޭގައި މަދިރި ތިބޭ ތިބުން މަދުކުރެވޭނެއެވެ.

އެލެތްރިން، ރެސެމެތްރިން، ފަދަ ޕައިރެތްރޮއިޑްސް އެކުލެވޭ ސޫފާސޫފި މެރުމަށް ޖަހާ ސްޕްރޭ އެއް ގޭތެރޭގައި ވެސް ބޭނުން ކުރެވިދާނެއެވެ. އެހެނަސް މަދިރިއަށް ވަދެވޭގޮތަށް ހުޅުވާފައި ހުންނަ ތަނެއްނަމަ އިސާހިތަކު މީގެ އަސަރު ފިލައިދާނެއެވެ. މިގޮތުން ބޭނުންކުރަންވާނީ ހަމައެކަނި އުދުހޭ ސޫފި މެރުމަށް ބޭނުންކުރެވޭނެ ކަމަށް ލިޔެފައިވާ ތަކެއްޗެވެ. މިކަމުގެ އެންމެ ރަގަޅު ނަތީޖާ ލިބޭނީ ސްޕްރޭކުރާއިރު އަދި އެއަށްފަހު 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމުންނެވެ. މިގޮތަށް ބަންދުކޮށްފައި ހުންނަ ވަގުތު އެތާގެ ތެރޭގައި މީހުން ތިބުން ރައްކާތެރިއެއް ނުވާނެއެވެ.

ކަރަންޓަށް ޖަހާ ފޮތި(މެޓް) އަދި ދިޔާ ބޭސް(ވެޕަރ) ފަދަ ތަކެއްޗާއި، މަދިރި ދުންދަނޑި އަކީވެސް ގޭތެރޭގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރާ ތަނެއްގެ ބޮޑުމިނާއި، އެކަށީގެންވާ މިންވަރަށް އެތަކެތި ބޭނުން ނުކުރެވޭނަމަ އޭގެ މާބޮޑު ފައިދާއެއް ނުކޮށްފާނެއެވެ.