ކޮވިޑު 19

އިތުރު 6 މީހަކު ފައްސިވެ ދިއްދޫގެ ޖުމުލަ ފައްސި 23 އަށް

ޢަބުދުﷲ ޙަމީދު

ހއ. ދިއްދޫއިން އިތުރު 6 މީހެއް ކޮވިޑަށް ފައްސިވުމާގުޅިގެން އެރަށުން ކޮވިޑަށް ފައްސިވި ޖުމުލަ އަދަދު 23 އަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމީހާގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 28 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު، އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވް ވި 14 މީހުންގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި ރޭ ވަނީ 121 މީހެއްގެ ސާމްޕަލް ނަގާފައެވެ. ހާއަލިފު އަތޮޅު ހޮސްޕިޓަލުން  މިރޭ ހާމަކުރެއްވި މައުލޫމާތު ތަކުގައި ވާގޮތުން121 ސާމްޕަލްގެ ތެރެއިން 6 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އަދިވެސް 75 މީހެއްގެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެއިތުރުން ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި ދެ މީހެއްވެސް މިވަގުތު ދިއްދޫގައި އެބަތިބި ކަމަށް ހާއަލިފު އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން މިވަގުތު ދިއްދޫގައި ތިބި ޖުމްލަ ޕޮޒިޓިވްމީހުންގެ ޢަދަދު 23 އަށް ވަނީ އަރާފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މިހާރު ވަނީ އަތޮޅުތެރޭގައި ވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ރާއްޖެއިން މި ބައްޔަށް 30،745 ފައްސިވެފައިވާއިރު، އޭގެތެރެއިން 25،068 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އދި މިވަގުތު 5،945 މީހަކަށް މިބައްޔަށް ފަރުވާ ދެމުން އަންނައިރު، 172 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.