ކޮވިޑު 19

މާލެ ސަރަހައްދު ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކޮށްފި

ޢަބުދުﷲ ޙަމީދު

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މަނާކޮށްފި އެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން އަންގަފާވައި ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ވިލިނގިލި، ހުޅުމާލެ އަދި ތިލަފުށި) ފިޔަވައި، މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދަން އެކަނި ކަމަށެވެ.

މި ފިޔަވަޅު އަޅާފައި އޮންނަ އިރު ހާއްސަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫން ވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭންވާނެ ކަމަށް އެންގުމުގައިވެ އެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައި ވަނީ މިހާރު ރާއްޖެ ތެރޭގެ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 25 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެ ތެރެެއިން ގިނަ ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.