ހައި-ސްޕީޑް ފެރީ ނިޒާމް

އެމްޓީސީސީގެ ހައި ސްޕީޑް ފެރީނިޒާމް ފެށުމަށް 70 މުވައްޒަފުން ހޯދަނީ

މުޙައްމަދު އަކުރަމް

ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޒޯން އެކެއްގައި ފެރީގެ ހިދުމަތް ފެށުމަށްޓަކައި އެމް.ޓީ.ސީ.ސީއިން 70 މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ. ހައި ސްޕީޑް ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ޖުނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށެވެ.

އެމް.ޓީ.ސީ.ސީއިން ހޯދަން އިއުލާނުކޮށްފައިވާ 70 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 36 ފެރީ ކޮންޑަކްޓަރުންނާއި 34 ސްޕީޑް ބޯޓް ކެޕްޓަނުންނެވެ. އިހަވަންދޫ އިންވެސް 5 ވަޒީފާއަކަށް މީހުން ބޭނުންވާކަމަށް އެއިއުލަނުގައިވެއެވެ. އެއީ 3 ފެރީ ކޮންޑަކްޓަރުންނާއި 2 ސްޕީޑް ބޯޓް ކެޕްޓަނުންނެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި ޒޯން 1ގެ ޚިދުމަތަށް 17ހައިސްޕީޑް ފެރީ އުޅަނދު ބޭނުންކުރާނެއެވެ. މިއިން ކޮންމެ އުޅަނދަކީ 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގައިގެ އުޅަނދެވެ. އަދި ކޮންމެ ފަސިންޖަރަކަށް 20 ކިލޯގެ ލަގެޖު އުފުލޭނެއެވެ.

ހައި ސްޕީޑް ފެރީ ނިޒާމުގެ މަޝްރޫއަކީ ރާއްޖެ ލާމަރުކަޒީކުރުމަށް ކުރާ މަސައްކަތުގެދަށުން، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫޢެކެވެ. ފެރީ ނިޒާމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.